ފިލިއްޕީގެ މަސީޙީންނަށް ފޮނުވުނު ސިޓީ 
ތަޢާރަފް 
މި ސިޓީ އަކީ ރޯމުގެ ސަރަހައްދުގައި ވީ މެސެޑޯނިޔާގެ ރަށެއްކަމުގައި ވީ ފިލިއްޕީގެ މަސީޙީ ޖަމާޢަތަށް ޕައުލް ލިޔެ ފޮނުވި ސިޓީ އެކެވެ. ޕައުލް މި ސިޓީ ފޮނުވީ މަސީޙީ ޖަމާޢަތެއް ޔޫރަޕުގެ ބިމުގައި ފުރަތަމަ ފަހަރަށް އޭނާ ގާއިމުކުރީ އެރަށުގައި ކަމަށްވުމެވެ. މި ސިޓީ އޭނާ ލިޔެފައި ވަނީ އީސާގެފާނާއި ބެހޭ ޚަބަރުފުޅުތައް އަންގައިދިނުމުގައި މަސައްކަތް ކުރަނިކޮށް ޖަލުގައި ހައްޔަރުވެފައިވީ ދުވަސްވަރެއްގައެވެ. އަދި އެ ދުވަސްތަކުގައި އޭނާ އާއި ދެކޮޅު ފަރާތްތަކުން ނުހަނު އުނދަގޫތައް ވެސް އޭނާއަށް ކުރިމަތިކުރިއެވެ. އަދި އެމީހުން ފިލިއްޕީގައި ދޮގު އުނގަންނައި ދިނުންތައް އަންގައިދެމުންދިޔަ ދުވަސްވަރެއްވެސްމެއެވެ. ކަންމިހެން ހުރުމާއެކު، އޭނާގެ މިސިޓީގެ ބޭނުމަކީ އީސާ އަލްމަސީޙާއި މެދު އޭނާގެ ހިތުގައިވާ ފުން އީމާންތެރިކަން އިތުބާރާއެކު އަންގައިދީ ފާޅުކުރުމެވެ. 
ކުއްލި ޙާލަތެއްގައި ޕައުލް މި ސިޓީ ލިޔުމުގެ އަނެއް ބޭނުމަކީ ފިލިއްޕީގައި ހިމެނިގެންވީ މަސީޙީ ޖަމާޢަތުން އޭނާ އެހީތެރިކަމަށް އެދެވިގެންވީ ހިނދު އެ މީހުންގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާ އާއިމެދުގައި ޝުކުރުވެރިވުމެވެ. މި ފުރުސަތުގެ ބޭނުން އޭނާ ކުރީ އެމީހުންނަށް ހިތްވަރު ދިނުމަށެވެ. އެހެންވީމާ އޭނާއަށް ދިމާވެފައިވާ މައްސަލަތަކާއި އެމީހުންގެ ތެރޭގައި ވީ މައްސަލަތަކާ މެދު މި ކަމުގެ ސަބަބުން އެމީހުންނަށް ހިތްވަރާއި އިތުބާރު ލިބިދޭނެތީއެވެ. އެމީހުންގެ އަމިއްލަ އެދުމުގެ މަގުސަދަށާއި ފަޚުރުވެރި ވުމުގެ ބަދަލުގައި އެބައިމީހުން ގެ މިޒާޖު އަލްމަސީޙު ދެއްކެވި ފަދައިން ވުމަށް އެދިފައިވެއެވެ. އެބައިމީހުންގެ މެދުގައި އަލްމަސީޙު އާއިއެކުގައި ވީ އެއްބައިވަންތަ ކަމަކީ މާތްރަސްކަލާނގެ ދެއްވި ރަޙުމަތެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި ރަޙުމަތެއްފަދަ މި ހަދިޔާ އެމީހުންނަށް ލިބިދިނީ އީމާންތެރިކަމާއި އެކުގައިކަން ބުނެދީފައިވެއެވެ. ފަހަރެއްގައިވެސް ބަނީއިސްރާއީލުންގެ މެދުގައި ވީ ޤާނޫނުތަކުގެ ޙަފުލާތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ ސަބަބުން ނޫންކަމުގައިވެސް ހަނދާން ކޮށްދީފައިވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި އުފާވެރިކަމާއި ސުލްޙަވެރިކަން މާތްރަސްކަލާނގެ ދެއްވަނީ އަލްމަސީޙު އާއި އެކުގައި އެއްބައިވަންތަ ކަމާއެކު ޙަޔާތް ވޭތުކުރާ ފަރާތްތަކަށެވެ. 
މި ސިޓީގައި ހާމަކޮށްފައި ވަނީ މިކަމުގައިވާ އުފަލުގެ ބުރަދަނާއި އިތުބާރާއި އެއްބައިވަންތަކަމާއި ޢަޒުމެވެ. މީގެ އިތުރުން މަސީޙީންގެ ދިރިއުޅުމުގައި ހުންނަން ޖެހޭނެ އީމާންތެރިކަމުގެ މައްޗަށެވެ. އަދި ފިލިއްޕީގެ މަސީޙީ ޖަމާޢަތާއިމެދުގައި ޕައުލްގެ ހިތުގައި ވީ ފުން ލޯބި ބުނެދީފައިވެއެވެ. އަދި އެކަކުއަނެކަކާ މެދު އެހީތެރިކަން ބާއްވަން ވަކީން ޚާއްސަގޮތެއްގައި އިރުޝާދު ދެއްވާފައިވެއެވެ. އެހެނީ ޕައުލްއާ މިމީހުންނާ ދެމެދު ޚާއްސަ ގުޅުމެއް އުފެދިފައި ވޭ ވެސް މެއެވެ. 
ތަޢާރަފު (1:1-11) 
ޕައުލްގެ އަމިއްލަ ޙާލަތު (1:12-26) 
އަލްމަސީޙާއިއެކުގައިވި ޙަޔާތު (1:27—2:18) 
ތިމޮތީއާއި އެފަފުރޮދިތުގެ ފަލްސަފާ (2:19-30) 
ނުރައްކަލާއި ދުޝްމަނުންނާއި ދެކޮޅަށް ކުރަށް އިންޒާރު (3:1—4:9) 
ޕައުލް އާއި އޭނާގެ ފިލިއްޕީ ރަޙުމަތްތެރިން (4:10-20) 
ނިންމުން (4:21-23)  
 1
ތަހުނިޔާ 
 1 މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އާއި އެކުގައިވެ އަލްމަސީޙު އީސާގެފާނަށް އީމާންވެގެންވީ ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށް ލިޔަމެވެ.  2 މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ. 
ޝުކުރުވެރިކަމާއެކުގައި ދުޢާކުރުން 
 3 ތިޔަބައިމީހުންގެ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އަހަރެންގެ ކަލާނގެއަށް ޝުކުރުވެރި ވަމެވެ.  4 އަބަދާ އަބަދު އަހަރެންގެ ދުޢާތަކުގައި ތިޔަބައިމީހުން އެންމެން ޝާމިލު ކުރަނީ އުފާވެރި ކަމާއެކުގައެވެ.  5 ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ.  6 އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ. 
 7 ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަގީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ހިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.  8 އީސާއަލްމަސީޙުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ. 
 9 ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ.  10 އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ.  11 ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ. 
ޕައުލްގެ ޙާލަތު އަންގައި ދިނުން 
 12 އަހަރެންގެ އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ.  13 އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ.  14 އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ. 
 15 ބައެއްމީހުން ޙަސަދަވެރިކަމާއެކު ވާދަކުރުމުގެ ނިޔަތުގައި ވަޢުޡު ބުނާ ހިނދު އަނެއްބަޔަކު އަލްމަސީޙު އާއިމެދުގައިވާ ރަނގަޅު މަގުސަދާއި އެކުގައި ވަޢުޡު އިއްވައެވެ.  16 މިގޮތަށް މިބައިމީހުން ވަޢުޡު އިއްވަނީ އަހަރެންނާއި މެދުގައިވާ ފުން ލޯބީގެ ސަބަބުންނެވެ. އަދި މާތްސާހިބާ އަހަރެން މިތަނުގައި ވުމަށް އެދިލެއްވީ ހެޔޮޚަބަރުފުޅު ދިފާޢު ކުރެއްވުމަށް ކަން މިފަދަ މީހުން ދަނެއެވެ.  17 އެހެނަސް އަލްމަސީޙާއި މެދުގައި މަގުސަދެއް ނެތި ދެކޭ ފަރާތްތަކުން އަމިއްލަ އެދުމާއި އިޚުލާސްތެރިކަމެއް ނެތި ވަޢުޡު ބުނަމުން އެ ގެންދަނީ މިގޮތަށް އަހަރެން ޗޭނުޖެހި ހައްޔަރުވެފައި ވާތީވެ އަހަރެން ހިތްދަތި ކުރުވުމަށެވެ.  18 އެކަމަކުވެސް ހެވެވެ. މި މީހުންގެ މަގުސަދު ރަނގަޅު ވިޔަސް އަދި ކިލަނބު ވިޔަސް ޙަޤީޤަތުގައި ވަޢުޡު ބުނަމުން އެ ގެންދަނީ އަލްމަސީޙާއި މެދުގައެވެ. އެކަމާމެދު އަހަރެން އުފާ ކުރަމެވެ.  19 އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ. 
 20 ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުއްމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައިވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.  21 އަހަރެން ދިރިހުރިނަމަ އަލްމަސީޙުގެ ޚިދުމަތުގައި ވާނަމެވެ. އަދި އަހަރެން މަރުވެދިޔަނަމަ އެއަށް ވުރެން މާރަނގަޅެވެ. އޭރުން އަބަދަށް އަލްމަސީޙާއި އެކުގައި ވާނެއެވެ.  22 އަހަރެން ޚިޔާރު ކުރަންވީ ކޮންކަމެއް ކަން އަހަރެންނަށް އެނގިގެންނުވެއެވެ. އެކަމަކު އަހަރެން ދިރިހުރިނަމަ މާތްސާހިބާއަށްޓަކައި އެދެވޭ މަސައްކަތް ކުރެވޭނެއެވެ.  23 އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙު އާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ.  24 އެހެނަސް ތިޔަބައިމީހުންނަށްޓަކައި އަހަރެން ދިރިހުރުން އެއީ އެންމެ އެދެވޭ ގޮތް ކަމުގައިވެސް އަހަރެން ދެކެމެވެ.  25 މިކަން އެނގޭތީ އަހަރެން ދިރިހުރުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ. އެއީ ތިޔަބައިމީހުން އީމާންކަމުގެ އުފަލުގެ ތެރޭގައި ހެދި ބޮޑުވުމަށް އެހީތެރިވުމަށެވެ.  26 އެހެންވީމާ، އަހަރެން އެނބުރި ތިޔަބައިމީހުންގެ ކައިރިއަށް ދާހިނދު އަހަރެންގެ ސަބަބުން ތިޔަބައިމީހުންނަށް އީސާ އަލްމަސީޙާއި މެދު މާބޮޑަށް ފަޚުރުވެރި ވެވޭނެއެވެ. 
އަލްމަސީޙާއިއެކުގައިވި ޙަޔާތު 
 27 މިހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުންދާ ކަން އަހަރެންނަށް އެނގޭނެއެވެ.  28 ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެއެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަންވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ.  29 ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފުވެސް މެއެވެ.  30 މިހިނދު އަހަރެން މިކުރާ ހަނގުރާމައިގައި ތިޔަބައިމީހުން ވެސް ބައިވެރިވެވޭނެއެވެ. އެ ހަނގުރާމައަކީ މާޒީގައި ތިޔަބައިމީހުންނަށް ފެނިދެނިވި، އަޑުއެހި، އަދި މިއަދާއި ހަމައަށްވެސް އަހަރެން ކުރަމުންމިދާ ހަނގުރާމައެވެ.