5
1 މާތްﷲގެ ޢަހުދުނާމާ ފޮށިކޮޅު އިބްނު ޢާޒަރުން ފިލިސްޠީނުގެ އަޝްދޫދަށް ގެންގޮސްފިއެވެ. 2 އެމީހުން އެ ފޮށިކޮޅު ދާޖޫނު ފައްޅިއަށް ގެންގޮސް އެތަނުގެ ދާޖޫންގެ ބުދު ކައިރީ ބަހައްޓައިފިއެވެ. 3 އަނެއްދުވަހު ހެނދުނު އަޝްދޫދު މީހުން އަޅުކަން ކުރަން ގޮސް ބަލާލިއިރު ދާޖޫން ބުދު އޮތީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ބިންމައްޗަށް އަނގަވަތަށް ވެއްޓިފައެވެ. ދެން އެމީހުން އެ ބުދު ނަގައި އަނެއްކާވެސް އެ ހުރި ތަނުގައި ބަހައްޓައިފިއެވެ. 4 އޭގެ އަނެއް ދުވަހު ވަރަށް ހެނދުނު އަޝްދޫދުގެ މީހުން ގޮސް ބެލި އިރުވެސް ދާޖޫންގެ ބުދު އޮތީ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ވެއްޓި ބިންމަތީގަ އެވެ. މިފަހަރު އޮތީ އެ ބުދުގެ ބޮލާއި އަތްފައި ވަކިވެ ތެޅި ކުދިކުދިވެ ދޮރުގެ އޮޅިގަނޑު މައްޗަށް ވެއްޓިފައެވެ. އެކަތިގަނޑަކަށް އޮތީ އެ ބުދުގެ ހަށިގަނޑު އެކަންޏެވެ. 5 އެހެންވެ އެދުވަހަށް ފަހު ދާޖޫނު ފައްޅީގެ ރާހިބަކު އަދި އެތަނަށް ދާ އެކަކުވެސް އެތަނުގެ އޮޅި ގިރާކޮށް ނުވަނެވެ. 6 އަޝްދޫދުގެ މީހުންނާއި އެ ހިސާބު ކައިރީގައިވާ އެންމެންނަށް މާތްރަސްކަލާނގެ ބޮޑުވެގެންވާ މުސީބާތެއް ފޮނުއްވިއެވެ. އެމީހުންގެ ގައިގެ ހަމުގައި މުލިހި ނަގައި މުޅި ހިސާބުގަނޑަށް ބިރުވެރިކަން ފެތުރިއްޖެއެވެ. 7 މި ހުރިހާ ކަމެއް އަޝްދޫދުގެ މީހުންނަށް ފެނުމުން އެމީހުން ބުންޏެވެ. ”މި ކަމަކީ އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅު މިތަނަށް ގެނައިމާ ވެގެން އުޅޭކަމެއް. މިއީ އެމީހުންގެ ކަލާނގެ އަހަރެމެންގެ ދާޖޫން ކަލާނގެއަށާއި އަހަރެމެންގެ މައްޗަށް ފޮނުއްވި ކޯފާއެއް. އެ ފޮށިކޮޅު މިތާ ބަހައްޓައިގެން ނުވާނެ.“
8 އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ. 9 މާތްރަސްކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދެވުމުން އެ ސަހަރުގެ މީހުންނަށް މާތްކަލާނގެ ބޮޑު މުސީބާތެއް ކުރިމަތި ކުރައްވައި އެންމެންގެ ތެރޭގައި ހާސްކަން ފަތުރުއްވައިފިއެވެ. އެ ސަހަރުގެ ކުދިބޮޑު އެންމެންގެ ގައިން މުލިހި ނަގައިފިއެވެ. 10 އެހެންވެ ފިލިސްޠީނުގެ މީހުން އެ ފޮށިކޮޅު ފިލިސްޠީނުގެ އަވަށެއް ކަމަށް ވާ ޢަޤްރޫނަށް ގެންގޮސްފިއެވެ. އެމީހުން އެފޮށިކޮޅު ގެންނަން ފެށުމުން ރަށުގެ މީހުން ބުނެއްޕެވެ. ”އެމީހުން އިސްރާއީލްގެ ކަލާނގެ ފޮށިކޮޅު މި ރަށަށް އަރުވަން ތިޔަ އުޅެނީ ކީއްވެތަ؟ އެމީހުން އެއުޅެނީ މިރަށުގެ އެންމެން ވެސް މަރާލަންތަ؟“ 11 ޢަގްރޫންގެ މީހުން ފިލިސްޠީނުގެ ވެރިން އެއްތަން ކޮށްފައި ބުންޏެވެ. ”އަހަރެމެން އެންމެން މަރުވުމުގެ ކުރީގައި ކަލޭމެން ތިޔަ މާތްﷲގެ ފޮށިކޮޅު ހުރިތަނަށް ގެންދޭ.“ އެ ސަހަރުގެ މީހުން ތިބީ ވަރަށް ބިރުގެންފައެވެ. އެހެނީ މާތްރަސްކަލާނގެ އެމީހުންގެ ތެރެއަށް ވަނީ ގަދަ ކޯފާއެއް ފޮނުއްވާފައެވެ. 12 މިކަންތަކުގެ ތެރޭގައި އެތައް ބަޔަކު މަރުވެދާން ފަށައިފިއެވެ. މަރުނުވެ ތިބި މީހުންގެ ގައިން މުލިހި ނަގައިފިއެވެ. ޢަގްރޫންގެ މީހުން ހޭރޭ އަޑު އުޑާ ހަމަޔަށް އުފުލިއްޖެއެވެ.