4
1 އެހެންވީމާ މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުން ދެކެ ލޯބިވުމުގެ އިތުރުން ތިޔަބައިމީހުން ދުށުމަށް ވެސް ވަރަށް ބޮޑަށް އެދެމެވެ. ތިޔަބައިމީހުން އަހަރެންނަށް އުފާވެރިކަން ގެނެސްދީ ތިޔަބައިމީހުންނާމެދުގައި އަހަރެން ފަޚުރުވެރި ކުރުވުމުގެ ސަބަބުންނެވެ. އެހެންވީމާ، އަހަރެން ކުރިންވެސް ބުނި ފަދައިން މާތްސާހިބާގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭށެވެ.
ޕައުލްގެ އެންމެ ފަހުބަސް
2 އަފޫދިޔަތާއި އާއި ސިންތީޚީއެވެ. ތިޔަ ދެމީހުން އެކުވެރިވުމަށް އަހަރެން އާދޭސްކުރަމެވެ. ސަބަބަކީ ތިޔަ ދެމީހުންމެ މިލްކުވެގެންވަނީ މާތްސާހިބާ އަށެވެ. 3 މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.* 4:3 ”ޙަޔާތުގެ ފޮތަކީ“ ތެދު ނިޔަތުގައި މާތްރަސްކަލާނގެ އަށް އީމާންވެ މުޅި ޙަޔާތް އެގޮތުގައި ވޭތުކުރާ ފަރާތްތައް ރެކޯޑުކޮށް ލިޔެވިގެންވާ އެކަލާނގެ ފޮތްކޮޅެވެ.
4 މާތްސާހިބާ އާއިމެދު އަބަދުވެސް އުފަލުގައިވާށެވެ. އުފަލުގައި ވުމަށް ތަކުރާރުކޮށް ބުނަމެވެ. 5 އަބަދުވެސް އެހެން މީހުންނާއިމެދު ކަމޭހިތައި އޯގާތެރިވާށެވެ. މާތްސާހިބާ ވަޑައިގަތުން ވަނީ ކައިރީގައެވެ. 6 ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ. 7 މިފަދައިން އަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ. އަދި މި ސުލްޙަވެރިކަމަކީ އިންސާނުންނަށް ދެނެގަތުމަށް ވުރެން މާ މަތިވެރި ކަމެއްމެއެވެ. މި ސުލްޙަވެރިކަމުގެ ސަބަބުން ތިޔަބައިމީހުން ބިރުވެތިވާން ޖެހޭފަދަ އިޙުސާސްތަކުން ނުވަތަ ކަންބޮޑުވާންޖެހޭ ފިކުރުތަކުން ރައްކާތެރިކޮށް ދެއްވާނެތެވެ. މި ރައްކާތެރިކަން ލިބިދެނީ ތިޔަބައިމީހުން އަލްމަސީޙު އީސާގެފާނަށް މިލްކުވެގެން ވާތީއެވެ.
8 އެހެންވީމާ، މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޯބިވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ. 9 އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.
ފިލިއްޕީގެ މަސީޙީންނަށް ޝުކުރުވެރިވުން
10 މާތްސާހިބާއަށް އަހަރެން މިލްކުވެގެން ވުމުން އަހަރެން ނިހާޔަތަށް އުފާވަމެވެ. ސަބަބަކީ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ތިޔަބައިމީހުންގެ އެހީތެރިކަމާއި އަޅާލުން އަހަންނާ މެދުގައި ފެނިގެން ދިޔަކަމެވެ. ހަމަކަށަވަރުންވެސް ތިޔަބައިމީހުން އަހަންނާ މެދުގައި ވިސްނާކަން އަހަންނަށް އެނގިއްޖެއެވެ. އެހެނަސް މިއަދާއި ހަމައަށް ތިޔަބައިމީހުން އަހަންނާ މެދު ވިސްނާކަން ދައްކައިދޭނޭ އިތުރު ފުރުސަތެއްމެ ލިބިފައި ނެތްމެއެވެ. 11 ދެންމެ މިބުނި ފަދައިން އަހަރެން ބުނަން ޖެހުނު ސަބަބަކީ އަހަރެންނަށް އެއްޗެއް މަދުވެގެން އެކަމާއި ކަންބޮޑު ވެގެންނެއް ނޫނެވެ. އަހަރެން ދަސް ކުރީ ޙަޔާތުގައި ދިމާވި ކަންތައްތަކާއި މެދު ހިތްހަމަޖެހުން ލިބިގަތުމަށެވެ. 12 އަހަރެންގެ ޙަޔާތުގައި ދިމާވާ ކޮންމެ ޙާލަތަކަށް ހިތްހަމަޖެހެން އަހަރެންނަށް އެނގެއެވެ. ބަނޑުހައިކަން މަތީގައި އާއި ބަނޑުފުރިފައިވާ ހިނދުގައްޔާއި ގިނައިން ހުންނައިރުގައި އާއި މަދުން ހުންނަ އިރުގައެވެ. އަދި ކޮންމެފަދަ ހާލެއްގައިވެސް ދިރިއުޅޭނެ ގޮތުގެ ސިއްރު ދަސްކޮށްފީމެވެ. 13 ކޮންމެ ޙާލަތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން އަލްމަސީޙު އަހަރެންނަށް ދެއްވައެވެ. 14 ކޮންމެ ގޮތެއްގައި ވިނަމަވެސް މިހިނދު އަހަރެންނަށް ދިމާވެފައިވާ މި މުސީބާތްތަކުގައި ތިޔަބައިމީހުން ހިއްސާވެ އެހީތެރިވިކަމީ ނުހަނު ރަނގަޅު ކަމެކެވެ.
15 ހަމަކަށަވަރުން ތިޔަ ފިލިއްޕީގެ މަސީޙީން ދަންނާނެއެވެ. ހެޔޮޚަބަރުފުޅު ދަސްކުރުމަށް ތިޔަބައިމީހުން އެންމެފުރަތަމަފެށި ވަގުތުގައެވެ. އަހަރެން ތިޔަ ސަރަހައްދުގައިވާ މެސެޑޯނިޔާއިން ފުރި ހިނދުގައިމެއެވެ. މަސީޙީ ޖަމާޢަތްތަކުން އަހަރެންނަށް އެހީތެރި ވުމަށްޓަކައި ހަމައެކަނި ހަދިޔާއެއް ފޮނުވި ބަޔަކީ ތިޔަބައިމީހުންނެވެ. 16 މީގެ އިތުރުން އަހަރެން ތިސަލޯނިކާގައި ވީހިނދުގައިވެސް މެއެވެ. އަހަރެން އެހީތެރިކަމަށް ބޭނުންވެފައިވީ ހިނދު އެ އެހީތެރިކަން ތިޔަބައިމީހުން ފޯރު ކޮށްދިނީ އެންމެ ފަހަރަކު ނޫނެވެ. ދެފަހަރު މަތިންވެސް ފައިސާގެ އެހީ ފޮނުވައި ދިނީމުއެވެ. 17 އަހަރެން މިހެން މިބުނަނީ ފަހަރެއްގައިވެސް ތިޔަބައިމީހުންގެ ފަރާތުން އިތުރަށް އެހީ ލިބިގަތުމަކަށް ނޫނެވެ. އެހެނަސް އަހަރެން ދެކެން ބޭނުންވަނީ ތިޔަބައިމީހުންގެ ހެޔޮ އަމަލުތަކުގައި ބަރަކާތްލައްވާ ތަން ދުށުމަށެވެ. 18 އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެންވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ. 19 މާތްރަސްކަލާނގެއީ އަހަރެންގެ ކަލާނގެއެވެ. އެކަލާނގެ ނިމުމެއް ނުވާ ޚަޒާނާއިން އީސާ އަލްމަސީޙުގެ ސަބަބުން ތިޔަބައިމީހުން އެދޭމިންވަރަށް ދެއްވާނެތެވެ. 20 މާތްރަސްކަލާނގެ އަދި ބައްޕާފުޅުގެ މަތިވެރިކަން އަބަދަށް ވޮޑިގެންވާށިއެވެ! އާމީން.
އެންމެފަހުގެ ތަހުނިޔާ
21 އީސާ އަލްމަސީޙަށް އީމާންވީ އެންމެހާ ފަރާތްތަކަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދޭށެވެ. އަހަރެންނާއި އެކުގައި މިތަނުގައިވާ އެންމެހާ ފަރާތްތަކުން ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. 22 މީގެ އިތުރުން މި އަވަށުގައި މާތްރަސްކަލާނގެއަށް އީމާންވީ އެންމެހާ ފަރާތްތަކުގެ ތަހުނިޔާ ވެސް ފޮނުވަމެވެ. ވަކިން ޚާއްސަކޮށް މިތަނުގެ އިސް ވެރިއަކަށް ހުރި ކައިސަރު ރަސްގެފާނުގެ ޚާދިމުންގެ ތެރެއިން އީމާންވީ ފަރާތްތަކުގެ ތަހުނިޔާއެވެ. 23 މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ތިޔަބައިމީހުންގެ ރޫޙުތަކުގައި އެކުލެވޭށިއެވެ!
*4:3 4:3 ”ޙަޔާތުގެ ފޮތަކީ“ ތެދު ނިޔަތުގައި މާތްރަސްކަލާނގެ އަށް އީމާންވެ މުޅި ޙަޔާތް އެގޮތުގައި ވޭތުކުރާ ފަރާތްތައް ރެކޯޑުކޮށް ލިޔެވިގެންވާ އެކަލާނގެ ފޮތްކޮޅެވެ.